ޚަބަރު

ހަ ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢުގެ ސަރވޭ،ޑިޒައިން އަދި އީ.އައި.އޭ ގެ މަސައްކަތް ކުރުމަށް އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީހާއި ހަވާލުކޮށްފި

ހއ.ކެލާ، ރ.އަލިފުށި، ރ.ހުޅުދުއްފާރު، މ.މުލި، ލ.ގަން އަދި ތ.ގުރައިދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ސަރވޭ، ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ކުރުމަށް އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީހާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ ޑިރެކްޓަރ، އަބްދުލް ރައްޒާޤު އިދްރީހެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ހއ.ކެލާ، ރ.އަލިފުށި، ރ.ހުޅުދުއްފާރު، މ.މުލި، ލ.ގަން އަދި ތ.ގުރައިދޫގެ މަގުހެދުމުގެ މަޝްރޫޢު އަށް ބޭނުންވާ ސަރވޭއާއި، ޑީޓެއިންޑް ޑިޒައިނާއި އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

3,176,164.50 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ހަ ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢުގެ ސަރވޭ،ޑިޒައިން އަދި އީ.އައި.އޭ ގެ މަސައްކަތް ކުރުމަށް އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީހާއި ހަވާލުކޮށްފި