މިނިސްޓްރީ

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ސަރުކާރުގެ ވުޒާރާތަކަށް ހަވާލުކުރާ މަސައްކަތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ޙަވާލުކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމާއި، ވަޒަންކުރުމާއި، ސަރުކާރުގެ ދާއިރާތަކުން ކަނޑައަޅާ އަދި ހިންގާ ތަރައްޤީގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއް ދިމާލަކަށް މިސްރާބުކުރުން ހިމެނެއެވެ.

މިއާއެކު، ބަނދަރު، ފެނާއި، ނަރުދަމާ، މަގު، ގިރާ ސަރަޙައްދު ޙިމާޔަތްކުރުން، ބިން ހިއްކުން އަދި އެއަރޕޯޓްގެ މަޝްރޫޢުތައްފަދަ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރެއްގައި ހިންގާ އެންމެހައި އުމްރާނީ ތަރައްޤީގެ މަޝްރޫޢެއް ބަލަހައްޓަމުން ގެންދަނީވެސް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ.

މި މަސައްކަތްތައް ތަރުތީބުކޮށް، ބަހާލެވިފައިވަނީ މައިގަނޑު ތިން ޑިޕާޓްމަންޓެއްގެ މައްޗަށެވެ. އެއީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބަލަހައްޓާ ޑިޕާޓްމަންޓާއި، ކުރު، މެދު އަދި ދުރު ރާސްތާގެ ޤައުމީ ތަޞައްވަރާއި،  ޕްލޭންތައް އެކުލެވުމާއި، ވިލަރެސްކުރުމުގެ މަސައްކަތް ކުރާ ޕްލޭނިންގ ޑިޕާޓްމަންޓާއި އަދި ޢިމާރާތްކުރުމުގެ ދާއިރާގެ އެންމެހައި ކަމެއް މޮނިޓަރ އަދި ރެގިއުލޭޓުކުރާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިޕާޓްމަންޓެވެ.

Ministry