ވ.ތިނަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
11 އޭޕްރީލު 2023

ވ.ތިނަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.
އެމްޓީސީސީއާއެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ތިނަދޫ ބަނދަރަށް އިތުރު ކުރެވޭ ބައި 12،800 ކިއުބިކް މީޓަރަށް (މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ ވަރަށް) ފުން ކުރުމުގެ އިތުރުން، ތިނަދޫ ނެރު 860 ކިއުބިކް މީޓަރަށް (މެދު ދިޔައިން ފެށިގެން 4.0- މީޓަރ ހަމަވާ ވަރަށް) ފުން ކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން 71 މީޓަރ ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުން، 06 މީޓަރ ސަބްމާޖް ބްރޭކްވޯޓަރގެ މަސައްކަތް، 482 މީޓަރ ރިވެޓްމަންޓް ޖެހުން، 354 މީޓަރ ސްކޯރިން އެޕްރޮން ޖެހުން، 02 ނެވިގޭޝަން ލައިޓު ހަރުކުރުން، 249 މީޓަރ އެއްގަމު ތޮށި ޖެހުން، 59 މޫރިންގ ރިންގް ހަރުކުރުން، 06 މޫރިންގ ބޮއި ހަރުކުރުން، ކޮންކްރީޓް ބްރިޖް ގެ މަސައްކަތް (16mx2m)، 90 އަކަމީޓަރ ރޭންޕެއް ހެދުން (10mx09m)، 18 މަގު ބައްތި ޖެހުން އަދި 1874 އަކަ މީޓަރ ޕެވްމަންޓޤ ހެދުމުގެ މަސައްކަތް ކުރާނެ އެވެ.
43،822،749.60 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭ ނިންމުމަށެވެ.