ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި

12 މޭ 2022

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި
ށ.މާއުނގޫދޫ ބަނދަރު ހެދުމުގެ މަސައްކަތާއި އދ.ދިގުރަށް އަދި އއ.އުކުޅަސް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފި އެވެ. 
މި ތިން މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. 
އެމްޓީސީސީއާއެކު ވެފައިވާ މި އެއްބަސްވުމުގެ ދަށުން ށ.މާއުނގޫދޫ ބަނދަރަށް އިތުރު ކުރެވޭ ބައި 59،013.29 ކިއުބިކް މީޓަރ އަށް (މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ ވަރަށް) ފުން ކުރާނެ އެވެ.  އަދި ބަނދަރަށް ވަންނަ ނެރު 3،245.48 ކިއުބިކް މީޓަރ އަށް (މެދު ދިޔައިން ފެށިގެން 4.0- މީޓަރ ހަމަވާ ވަރަށް) ފުންކުރާނެ އެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 362 މީޓަރ ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުމުގެ މަސައްކަތާއި، 105 މީޓަރ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި، 54 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމުގެ މަސައްކަތާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމުގެ މަސައްކަތް އަދި 312 މީޓަރ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 10 މޫރިންގް ބޮއި ހަރުކުރުމުގެ މަސައްކަތާއި، 15 މަގު ބައްތި ހަރުކުރުމުގެ މަސައްކަތާއި، 1،508.90 އަކަ މީޓަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން ރޭމްޕް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ. 
59،713،165.38 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް  މާއުނގޫދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 475 ދުވަހުގެ ތެރޭ ނިންމުމަށެވެ.
އދ. ދިގުރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން 33,712.50 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3- މީޓަރ ހަމަވާ ވަރަށް) ބަނދަރު ކުރާނެ އެވެ. އަދި 30،704.10 ކިއުބިކް މީޓަރަށް (މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ ވަރަށް) ދިގުރަށު ބަނދަރަށް އިތުރުކުރެވޭ ބައި ފުންކުރާނެ އެވެ. އަދި ދިގުރަށު ބަނދަރަށް ވަންނަ ނެރު 6،770.00 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. އެއީ މެދު ދިޔައިން ފެށިގެން 4.0- މީޓަރ ހަމަވާ ވަރަށެވެ.
މީގެ އިތުރުން 277 މީޓަރ ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުމުގެ މަސައްކަތާއި، 10 މީޓަރ ސަބްމާރޖްޑް ބްރޭކްވޯޓަރ ޖެހުމުގެ މަސައްކަތާއި، 98 މީޓަރ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި، 491 މީޓަރ ސްކޯރިންގ އެޕްރަން ޖެހުމުގެ މަސައްކަތް އަދި 2 ނެވިގޭޝަން ލައިޓް ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ. އަދި 294 އެއްގަމު ތޮށި ޖެހުމުގެ މަސައްކަތާއި، 8 މޫރިންގް ބޮއި ހަރުކުރުމުގެ މަސައްކަތާއި، 11 މީޓަރ × 11 މީޓަރ ރޭމްޕް ހެދުމުގެ މަސައްކަތާއި، 2 މީޓަރ × 180 މީޓަރ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތާއި، 15 މަގު ބައްތި ހަރުކުރުމުގެ މަސައްކަތް އަދި 2،324.00 އަކަ މީޓަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ.
53،025،367.58 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ދިގުރަށު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 570 ދުވަހުގެ ތެރޭ ނިންމުމަށެވެ.
އއ.އުކުޅަސް ބަނދަރު އަޕްގްރޭދް ކުރުމުގެ މަސައްކަތުގެ ދަށުން 4،954.00 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ ވަރަށް) ބަނދަރު ފުންކުރާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން 489 މީޓަރ ސޭންޑްފިލްޑް ބްރޭކްވޯޓަރ ޖެހުމުގެ މަސައްކަތާއި، 69 މީޓަރ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި، 264 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމުގެ މަސައްކަތް އަދި 264 މީޓަރ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 3 މީޓަރ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތާއި، 130 މީޓަރ ދިގު އަދި 2 މީޓަރ ފުޅާމިނުގެ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތާއި، 10 މަގު ބައްތި ހަރުކުރުމުގެ މަސައްކަތް އަދި 955.00 އަކަ މީޓަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ އެވެ. 
37،282،051.06 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް އުކުޅަސް ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭ ނިންމުމަށެވެ.