ތ.ދިޔަމިގިލި އަދި ތ.ވިލުފުސީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

12 މޭ 2022

ތ.ދިޔަމިގިލި އަދި ތ.ވިލުފުސީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ތ.ދިޔަމިގިލި އަދި ތ.ވިލުފުސީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާސްންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ.
ދިޔަމިގިލީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެއްބަސްވުމުގެ ދަށުން އެރަށު ހުޅަނގު ދެކުނު ފަރާތުގައި 205 މީޓަރ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެ އެވެ. އަސި 392 މީޓަރ ބޮޑު ހިލައިގެ ބްރޭކްވޯޓާ ގާއިމު ކުރާނެ އެވެ. 
މި މަޝްރޫޢު 23،164،180.00 ރުފިޔާއަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 365 ދުވަހުގެ ތެރޭ ނިންމުމަށެވެ.
ވިލުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށު ދެކުނު ފަރާތުގައި 184 މީޓަރ ރިވެޓްމަންޓް ޖަހާ، 135 މީޓަރ ގްރޮއިން ގާއިމު ކުރާނެ އެވެ. އަދި މި މަޝްރޫޢުގެ ދަށުން ވިލުފުށީގައި މޫދަށް އެރޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރާނެ އެވެ.
ވިލުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 11،192،295.14 ރުފިޔާ އަށެވެ. އެއީ 130 ދުވަހުގެ ތެރޭ ނިންމުމަށެވެ.