ސްޓޭޓް މިނިސްޓަރ، އަކްރަމް ކަމާލުއްދީން ގދ.ތިނަދޫ ކައުންސިލާ ބައްދަލު ކުރައްވައިފި

08 ނޮވެމްބަރު 2022

ސްޓޭޓް މިނިސްޓަރ، އަކްރަމް ކަމާލުއްދީން ގދ.ތިނަދޫ ކައުންސިލާ ބައްދަލު ކުރައްވައިފި
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ގދ.ތިނަދޫ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.
ގދ.ތިނަދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެ ރަށުގައި މިނިސްޓްރީން ކުރިއަށްގެންދާ އެކި މަޝްރޫޢުތަކާ ގުޅިގެން މަޝްވަރާކޮށްފައިވެއެވެ. މި ދަތުރުގައި ސްޓޭޓް މިނިސްޓަރ އަކްރަމް ވަނީ ތިނަދޫގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމަށް ހަމަޖައްސާފައިވާ ސައިޓު ބައްލަވާލައްވާފަ އެވެ.
މި ސައިޓުގައި ގާއިމްކުރާ 200 ހައުސިންގް ޔުނިޓު އެޅުމުގެ މަސައްކަތް ސިއެރާ - ސްޓަރ ޖޮއިންޓް ވެންޗާ އާ ހަވާލު ކުރީ މިދިޔަ މަހު 6ގައެވެ. މި އެއްބަސްވުމުގެ ދަށުން ތިނަދޫގައި 700 އަކަފޫޓުގެ 200 ހައުސިން ޔުނިޓު އިމާރާތްކުރާނެއެވެ.  ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެއް ހިމެނޭނެއެވެ. އަދި މި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމްކޮށް، ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމް ކުރާނެ އެވެ.
މި މަޝްރޫޢުގެ އިތުރުން ތަފާތު ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް ތިނަދޫގައި ކުރިއަށްގެންދިއުމުގެ މަސައްކަތް އެކި ކޮންޓްރެކްޓަރުންނާ ވަނީ ހަވާލުކޮށްފައެވެ.  އެގޮތުން، އެގޮތުން ގދ. ތިނަދޫ އައިސްޕްލާންޓްގެ ކީވޯލް ހެދުމުގެ މަސައްކަތާއި ޓީ-ޖެޓީ ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ވަނީ ހަވާލުކޮށްފައެވެ. 
މީގެ އިތުރުން ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢުގެ 2 ވަނަ ފޭސްގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ 2019 ވަނަ އަހަރު ވަނީ ހަވާލުކޮށްފައެވެ. އަދި، އެރަށު އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.