ދިއްދޫގައި 75 ރޯހައުސް އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި

10 އޯގަސްޓު 2022

ދިއްދޫގައި 75 ރޯހައުސް އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި
ހއ. ދިއްދޫގައި 75 ހައުސިންގް ޔުނިޓު އެޅުމުގެ މަސައްކަތް ދއެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެސްޖޭގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ޝާހިދު އެވެ.
މި އެއްބަސްވުމުގެ ދަށުން ދިއްދޫގައި 700 އަކަފޫޓުގެ، ދެ ފަންގިފިލާގެ 75 ރޯހައުސް އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެއް ހިމެނޭނެ އެވެ. އަދި މި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމްކޮށް، ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމް ކުރާނެ އެވެ.
ދިވެހި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން މި މަޝްރޫއަށް 120،405،400.00 ރުފިޔާ ހަރަދު ކުރެއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.