ށ.މިލަންދޫގައި 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި

03 ޖުލައި 2022

ށ.މިލަންދޫގައި 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި
ށ. މިލަންދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން އެވެ. އަދި ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހް ޝަރީފް އެވެ.
މި އެއްބަސްވުމުގެ ދަށުން ށ.މިލަންދޫގައި 1000 އަކަފޫޓުގެ 50 ހައުސިންގް ޔުނިޓު އިމާރާތް ކުރާނެ އެވެ. އެގޮތުން މިއިން ކޮންމެ ހައުސިންގް ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ބެލްކަނީ، ލޯންޑަރީ އަދި ސްޓޯރޫމް އެއް ހިމެނޭނެ އެވެ. އަދި މި ހައުސިންގް ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލި ކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ގާއިމު ކުރާނެ އެވެ.
45،998،170.00 ރުފިޔާއަށް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްއާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަޝްރޫޢުއަށް ހަރަދު ކުރަނީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.