ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

15 ފެބްރުއަރީ 2023

ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި
ހުމާލޭގައި އިމާރާތް ކުރި ސަރުކާރު އޮފީސް އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ގިނަ އަހަރުތަކެއް ވަންދެން ޙިދުމަތްކޮށްދެއްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ނަމުން މި އިމާރާތަށް ނަން ދެވިފައިވަނީ، ދިވެހި ސަރުކާރަށާއި، ދިވެހި ޤައުމަށާއި ރައްޔިތުންނަށް ޢުމަރު ޒާޙިރު ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ރަމްޒެއްގެ ގޮތުގަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޢުމަރު ޒާޙިރު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވުއްވައި ދެއްވުމުގެ ގޮތުން ރައީސް ސާލިހު ވަނީ އެ އިމާރާތުގައި ދިވެހި ދިދަ ނަންގަވާފައެވެ. އެއަށްފަހު އެ އިމާރާތް ބައްލަވާލެއްވި އެވެ.
އެގޮތުން އިމާރާތުގައި ގާއިމުކޮށްފައިވާ ޕާކިންގް އޭރިއާ، ނަމާދު ކޮޓަރި އަދި މިހާރު އެ އިމާރާތަށް ބަދަލުވެފައިވާ ޖެންޑާ މިނިސްޓްރީ ހިންގަމުން އަންނަ ފަންގިފިލާ ރައީސް ބައްލަވާލެއްވި އެވެ. އަދި ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ބައްދަލު ކުރައްވާފައިވެއެވެ.
 މި އިމާރާތުގެ މަސައްކަތް 2019 ވަނަ އަހަރު ފެށިއިރު، ކޮވިޑުގެ ހާލަތާއި ގުޅިގެން އިމާރާތުގެ މަސައްކަތް ވަނީ ލަސްވެފައެވެ. ނަމަވެސް މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާ، މިއަހަރު ސަރުކާރުގެ ތިން ވުޒާރާއެއް ވަނީ މި އިމާރާތަށް ބަދަލުކުރެވިފައެވެ. ހަ ފަންގިފިލާ އަކަށް ބިނާކޮށްފައިވާ އުމަރު ޒާހިރު އޮފީސް އިމާރާތުގައި މުވައްޒަފުންނާއި އިމާރާތް ބޭނުންކުރާ ފަރާތްތަކަށް އިމާރާތުގައި ޕާކިންގ ޒޯނެއް ހަމަޖެހިފައިވާއިރު، ޖަލްސާކުރާ މާލަމާއި ސެމިނާ ފަދަ ކަންކަމަށް ހާއްސަކޮށް އިމާރާތުގައި ޓެރަސް ވަނީ ތައްޔާރުކުރެވިފައި.  
މި އިމާރާތަށް ބަދަލު ކުރަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަދި އެމެރިކަން އެމްބަސީއެވެ.