އާރުޓީއެލް ދަތުރުތަކުގެ އަގު އިއުލާނުކޮށް ރަސްމީކޮށް ދަތުރުތަށް ފަށައިފި

12 ޖޫން 2022

އާރުޓީއެލް ދަތުރުތަކުގެ އަގު އިއުލާނުކޮށް ރަސްމީކޮށް ދަތުރުތަށް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ރިޔާސީ ވައުދުގެ ދަށުން ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމް، އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް މިއަދު ހދ އަތޮޅުގައި ރަސްމީކޮށް ފަށައިފި އެވެ. 
ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް ފަށަފައިވާ މި މަޝްރޫޢުގެ ދަށުން ހިދުމަތް ދޭން ފަށާފައިމިވަނީ މި ޚިދުމަތަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ފެރީތަކަކާއެކު އެވެ. އެގޮތުން މި ހިދުމަތް ދިނުމަށް ބޭނުން ކުރާ ފެރީތަކަކީ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތާއި ފަސޭހައަށް ވިސްނައި، ފަރުމާކޮށް، ބަނދެފައިވާ ފެރީތަކެކެވެ. 
'ރާއްޖެ ޓްރާންސްޕޯޓް ލިންކް' (އާރުޓީއެލް)ގެ ޕެސެންޖަރ ފެރީ ގުޅުވާލެވިގެންދާނީ ތަފާތު ތިންގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކް، ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކުންނެވެ. ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރު ތަކަށް ހާއްސަކުރެވިފައިވާ، ޒަރޫރީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ލިންކެވެ. ނަން-ކޮމިއުޓް ލިންކަކީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ލިންކުތަކެވެ. މި ދަތުރުތައް ދިގުވެފައި، ދުރު ރަށްތަކަށް ދެވޭ އިރު މިއީ ކޮންމެ ދުވަހު ކުރާ ދަތުރުތަކެއް ނޫނެވެ. އަދި ހައިވޭ ލިންކަކީ އެއ ރީޖަންގެ ދަތުރުފަތުރުފެ ހަބްއާއި އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބްއާ ގުޅުވައިދޭ ލިންކެވެ. 
މި ހިދުމަތް ފެށުމާއެކު ބޮޑު ހަރަދު ކޮށްގެން ޒަރޫރީ ބޭނުން ތަކަށް އެއްރަށުން އަނެއްރަށަށް ރައްޔިތުން ކުރަމުން އައި ދަތުރުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ލުޔެއް ލިބިގެންދެއެވެ. އަދި މިއީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމް އިތުރަށް ފުޅާ ވެގެން ދިއުމަށް ހުޅުވިގެން ދިޔަ އިތުރު ދޮރެކެވެ. 
މިހާރު މި ހިދުމަތް ހދ އަތޮޅުގައި ފަށާފައިވާއިރު، މީގެ ކުރިން އެއަތޮޅުގައި ވަނީ އާރުޓީއެލްގެ ޓެސްޓު ދަތުރުތަކެއް ކޮށްފައެވެ. އާރުޓީއެލް ދަތުރުތަކަށް ރައްޔިތުން އަހުލުވެރި ކުރުމަށް ކުރިއަށްގެންދިޔަ މި ޓެސްޓު ދަތުރުތައް ކޮށްފައިވަނީ ރައްޔިތުން އަތުން އަގެއް ނެގުމަކާ ނުލައެވެ. 
3 ފިޔަވައްސަކަށް ބަހާލައިގެން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިހާރު ކުރިއަށް ދަނީ ފޭސް 1ގެ މަސައްކަތް ނިންމުމަށެވެ. އެއީ ހއ، ހދ އަދި ށ އަތޮޅުގައި މި ފެރީގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތެވެ.
މި ފެރީ ނިޒާމުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.