ރ.އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
31 އޮކްޓޯބަރު 2022

ރ.އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝަރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
15،660،758 ރުފިޔާ އަށް މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 220 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝަރޫޢުގެ ދަށުން އިންނަމާދޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ އެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން އިންނަމާދޫގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 45 މީޓަރގެ 8 ޓީ-ގްރޮއިން ގާއިމުކުރެވިގެންދާނެ އެވެ.
މި ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.