ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި
16 މާރިޗު 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއަރޕޯޓު ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ.
10 ނޮވެމްބަރު 2020 ގައި ދިވެހި ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ މި މަޝްރޫޢު ހަވާލު ކުރެވުމާއެކު މި މަސައްކަތް ފަށައި، މިނިސްޓްރީ އޮފްނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިޒައިން އާ އެއްގޮތަށް މި އެއަރޕޯޓުގެ ޑީޓެއިލް ޑިޒައިނިންގެ މަސައްކަތް އެމްޓީސީސީގެ މުވައްޒަފުން ނިންމާލައިފާވާއިރު މިއީރާއްޖޭގެ އެންމެ ތަފާތު އެއް އެއަރޕޯޓެވެ.
ފަރެސްމާތޮޑާ އެއަރޕޯޓު މަޝްރޫޢުގެ ސްކޯޕުގެ ދަށުން ޑޭޝް 8-300 ކްރިޓިކަލް އެއަރކްރާފްޓް މިންގަޑަށް 1200 މީޓަރ ދިގު އަދި 30 މީޓަރ ފުޅާ ރަންވޭއެއް ހަދާފައިވާއިރު މި އެއަރޕޯޓުގެޓާމިނަލަކީ ގަޑިއަކު 150 މީހުންނަށް ޚިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޕަސެންޖަރ ޓާރމިނަލް އެވެ.
އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރ ހިމެނޭހެން އެއަރކްރާފްޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އިމާރާތެއް، ޤާއިމްކޮށްފައިވާއިރު ކޮންމެ އެއަޕޯޓަކަށްމެ ބޭނުންވާ ރޭގަނޑު ފްލައިޓް އޮޕަރޭޓްކުރެވޭނެ ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގެ ސަބަބުން، ހުވަދުއަތޮޅަށް އަދި ހާއްސަކޮށް މި އެއަރޕޯޓާ އެންމެ ކައިރީ އޮންނަ ހަތަރު ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ދިމާވި ދަތިތަކަށް ދާޢިމީހައްލެއް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ބައިވެރިވެވަޑައިގެންނެވިއެވެ.