ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މ. ވޭވަށު ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފި

28 އޯގަސްޓު 2022

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މ. ވޭވަށު ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފި
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާ ވޭވަށު ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގަ އެވެ. ބަނދަރު ރަސްމީކޮށް ހުޅުވުމަށްފަހު ރަށު ކައުންސިލާ ހަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އެވެ. 
ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގައި ލަފާފުރުމުގެ މަސައްކަތްތައް ކުރަންފެށިފަހުން ވޭވަށު ރައްޔިތުން 37 އަހަރުގެ އިންތިޒާރެއް ކޮށްފައިވާކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްކުރަންޖެހޭ އަސާސީ ހިދުމަތްތައް ގާއިމްކޮށްގެން ލާމެހިފައިވާ ރާއްޖެ އަކަށް ހަދައިގެން ހިންގުމަކީ ސަރުކާރުގެ ތަސައްވުރުކަމަށް ވަނީ ފާހަގަކުރައްވާފައެވެ.  
މި މަޝްރޫޢުގެ ދަށުން ވޭވަށު ނެރާއި ބަނދަރު ފުންކޮށް، 350 މީޓަރުގެ ބޭރުތޮއްޓާއި 380 މީޓަރުގެ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި ބަނދަރު ރޭމްޕް ހެދުމާއި އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް ހަދާ، ޕޭވްމަންޓުގައި ފެންހިނދުމަށް ކާނު ބަހައްޓުމާއެކު 19 މަގުބައްތި ވަނީ ހަރުކޮށްފަ އެވެ.
27 އޮގަސްޓު 2019 ގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރި އިރު، މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ 48،863،172.98 ރުފިޔާގެ ބަޖެޓަކާ އެކުއެވެ.