ރާއްޖެ ޓްރާންސްޕޯޓް ލިންކު ރަސްމީކޮށް އިފްތިތާހުކޮށްފި

27 ސެޕްޓެމްބަރު 2022

ރާއްޖެ ޓްރާންސްޕޯޓް ލިންކު ރަސްމީކޮށް އިފްތިތާހުކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ރިޔާސީ ވައުދުގެ ދަށުން ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމް، އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
ހއ. ދިއްދޫގައި މިރޭ ބޭއްވި ބޮޑުތިލަދުންމަތި ގުޅާލުން ރަސްމިއްޔާތުގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ.
ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް ފަށަފައިވާ މި މަޝްރޫޢުގެ ދަށުން ހިދުމަތް ދޭން މިހާރު ފަށާފައިމިވަނީ މި ޚިދުމަތަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ފެރީތަކަކާއެކު އެވެ. އެގޮތުން މި ހިދުމަތް ދިނުމަށް ބޭނުން ކުރާ ފެރީތަކަކީ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތާއި ފަސޭހައަށް ވިސްނައި، ފަރުމާކޮށް، ބަނދެފައިވާ ފެރީތަކެކެވެ. އާރްޓީއެލްގެ ހިދުމަތްތައް ހއ އަތޮޅާއި ހދ އަދި ށ އަތޮޅުގައި ވަނީ މިހާރު ފަށާފައެވެ.
މި ހިދުމަތް ފެށުމާއެކު ބޮޑު ހަރަދު ކޮށްގެން ޒަރޫރީ ބޭނުން ތަކަށް އެއްރަށުން އަނެއްރަށަށް ރައްޔިތުން ކުރަމުން އައި ދަތުރުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ލުޔެއް ލިބިގެންދެއެވެ. އަދި މިއީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމް އިތުރަށް ފުޅާ ވެގެން ދިއުމަށް ހުޅުވިގެން ދިޔަ އިތުރު ދޮރެކެވެ. 
މި ފެރީ ނިޒާމުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.