ނ.މަގޫދޫ ބަނދަރު ހެދުމުގެ މަސައްކަތް ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

16 މާރިޗު 2022

ނ.މަގޫދޫ ބަނދަރު ހެދުމުގެ މަސައްކަތް ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ.މަގޫދޫ ބަނދަރު ހެދުމުގެ މަސައްކަތް ހެވީފޯސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ. 
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަޙުމަދު ޙަމީދުއެވެ. އަދި ހެވީފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރު އެވެ. 
މި މަޝްރޫޢުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭ 8794 ކިއުބިކް މީޓަރ އަށް ބަނދަރު ފުންކުރުމާއި، ބަނދަރަށް އިތުރު ކުރެވޭބައި 18040 ކިއުބިކް މީޓަރ އަށް ފުންކުރުމުގެ އިތުރުން، ބަނދަރަށް ވަންނަ ނެރު 2075 ކިއުބިކް މީޓަރ އަށް ފުން ކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 152 މީޓަރ ގްރޮއިން ޖެހުން، 300 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުން، 186 މީޓަރ ރިވެޓްމަންޓް ޖެހުން، 160 މީޓަރ ސްކޯރިންގ އޭޕްރަން ޖެހުން، 2 ނެވިގޭޝަން ލައިޓް ޖެހުން، 160 މީޓަރ އެއްގަމު ތޮށި ޖެހުން، 15 މޫރިންގ ރޭމްޕް ހެދުން 10 މީޓަރ × 9 މީޓަރ ގެ ރެމްޕެއް ހެދުން. 18 މަގު ބައްތި ހަރުކުރުން އަދި 1750އަކަ މީޓަރ ޕޭވްމަންޓު ހެދުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ. 
ހެވީފޯސް ޕްރައިވެޓް ލިމިޓެޑްއާ މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ 365 ދުވަހުގެ ތެރޭ ނިންމުމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތަށް 34،497،261.45 ރުފިޔާ ހޭދަވާނެ އެވެ.