ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
03 ސެޕްޓެމްބަރު 2023

ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫޢުގެ ދަށުން ފޮއްދޫގައި ފާހަގަކުރެވިފައިވާ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ރަށުގެ ބަނދަރު 3.5 މީޓަރު ފުންކޮށް ކޮނުމުގެ މަސައްކަތާއި، ނެރު 4 މީޓަރު ފުންކޮށް ކޮނުމުގެ މަސައްކަތާއި، 20 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމުގެ މަސައްކަތް އަދި 65 މީޓަރުގެ ނެރުފައިކަށި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. މީގެ އިތުރުން 165 މީޓަރުގެ ސޭންޑްފިލްޑް ބްރޭކްވޯޓަރ ޖެހުމުގެ މަސައްކަތާއި، 60 މީޓަރުގެ ލޯކްރެސްޓެޑް ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމުގެ މަސައްކަތާއި، 130 މީޓަރުގެ އެލް-ބްލޮކް ވާޓަރުގެ މަސައްކަތާއި، 7 ބަނދަރު ބައްތި ޖެހުމާއި 2 ނެރު ބައްތި ޖެހުމުގެ މަސައްކަތާއި، 120 މީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް ހެދުމުގެ މަސައްކަތް އަދި 125×6 މީޓަރުގެ ޖެޓީ ހެދުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ.
53،754،575.40 ރުފިޔާ އަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭ ނިންމުމަށެވެ.