އއ.އުކުޅަހުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

19 އޮކްޓޯބަރު 2022

އއ.އުކުޅަހުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން އއ.އުކުޅަހުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި އެއްބަސްވުމުގެ ދަށުން އުކުޅަހުގެ 2.68 ކިލޯމީޓަރ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. 
 59،480،506.10 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް ހަވާލުކޮށްފައިވަނީ 450 ދުވަހެވެ.