ސީޢެލްޑީޕީގެ ކޮންސަލްޓޭޝަން ޓުއާގައި މިިނިސްޓަރ އަސްލަމް ބައިވެރިވެވަޑައިގެންފި

09 ނޮވެމްބަރު 2022

ސީޢެލްޑީޕީގެ ކޮންސަލްޓޭޝަން ޓުއާގައި މިިނިސްޓަރ އަސްލަމް ބައިވެރިވެވަޑައިގެންފި
އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމާޝަލް ލޯ ޑިވަލޮޕްމަންޓް ޕްރޮގްރާމް (ސީއެލްޑީޕީ)ގެ ކޮންސަލްޓޭޝަން ޓުއާގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްގެ އިތުރުން މި މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްގެ ކޮމާޝަލް ލޯ ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ އެކި ގައުމުތަކުގެ އިގްތިސާދީ ތަރައްގީގެ ލަނޑުދަނޑިތަކަށްް ވާސިލުވުމަށް ކޮމާޝަލް ލޯ ޓެކްނިކަލް އެސިސްޓަންސް އާއި ލެޖިސްލޭޓިވް އެންޑް ޕޮލިސީ އެޑްވައިސަރީ ސާވިސް އާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ބިލްޑިންގ އަދި ކޮމާޝަލް ރިސްކް އެސަސްމަންޓްއާ ގުޅިގެން މައުލޫމާތު ފޯރުކޮށްދޭ ޕްރޮގްރާމެކެވެ.
ކޮމާޝަލް ލޯ ޑިވެލޮޕްމަންޓް ޕްރޮގްރާމުން ފަންޑުކޮށްގެން އޮކްޓޯބަރު 30 އިން ނޮވެމްބަރު 11 އަށް ކުރިއަށްގެންދާ މި ޓުއާގައި ސަރުކާރުގެ އެހެން ވުޒާރާތަކުންވެސް ބައިވެރިވެއެވެ. އެގޮތުން މިނިސްޓްރީ އޮފް ފައިނޭންސް، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިނިސްޓްރީގެ އޮފިޝަލުންނާއެކު މި ޓުއާގައި ބައިވެރިވެއެވެ. 
ސީއެލްޑީޕީގެ ޓުއާގެ ތެރެއިން، ނިއުޔޯކުގައި ބޭނުންކުރާ ފެރީތަކުގެ ޓުއާއެއް މިއަދު ވަނީ ބާއްވާފައެވެ. ފެރީ އަކީ ގައުމެއްގެ އިންފްރާސްޓްރަކްޗަރގައި މުހިއްމު ވަސީލަތަކަށްވާއިރު، މިއީ ރާއްޖެފަދަ ގުދުރަތީ ގޮތުން ވަކިވަކި އަތޮޅުތަކެއްގެ ގޮތުގައި އުފެދިފައިވާ ގައުމަކަށް ބޭނުންތެރި ވަސީލަތެކެވެ.