މާލޭ ރައްޔިތުންނަށް ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

26 ޖޫން 2022

މާލޭ ރައްޔިތުންނަށް ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 'ގެދޮރުވެރިން' ޕްރޮގްރާމްގެ ދަށުން ފްލެޓާއި ބިމަށް އެދުމަށް ހުޅުވާލައިފި އެވެ.
ގެދޮރުވެރިން މަޝްރޫއުގެ ދަށުން ފްލެޓާއި ބިމަށް ހުޅުވާލުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް ލޯންޗުކުރީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޕޯޓަލް ލޯންޗް ކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އެވެ. 
މި ޕޯޓަލް މެދުވެރިކޮށް މާލޭ ރައްޔިތުންނަށް ބިން އަދި ފްލެޓަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ސެޕްޓެމްބަރ 26 2022ގެ ނިޔަލަށް ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ އެވެ. 
ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ތެރެއިން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ 3000 ބިމެވެ. އެގޮތުން މި ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް  ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހުގެ ނިޔަލަށް 18 އަހަރު ފުރިފައިވާ މާލޭގެ ރައްޔިތުންނަށެވެ. 
މާލޭ ރައްޔިތުންނަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލި އިރު، މި ސްކީމްގެ ދަށުން ދިނުމަށް ނިންމާފައިވަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފްލެޓެވެ. އެގޮތުން ދެ ކޮޓަރީގެ ފްލެޓުން ކުލި ނަގާނީ 7000 ރުފިޔާ އާއި 8000 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. އަދި 3 ކޮޓަރީގެ ފްލެޓުން ކުލި ނަގާނީ 11،000 އާއި 13،000 ރުފިޔާއާއި ދެމެދުގެ އަގަކަށެވެ.