ލ.މާމެންދޫ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި
29 އޯގަސްޓު 2023

ލ.މާމެންދޫ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މާމެންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެރަށު ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށްފައްޓަވައިދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ. އަރިހުގައި ވަޑައިގެންނެވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްއެވެ.
މާމެންދޫ ފެނުގެ ނިޒާމުގެ މަޝްރޫޢުއަކީ 2،469،374.94 ޑޮލަރަށް އެސްއެމްސީ އިސްފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، ބޯ ހޯލް ހެދުމާއި، ރެއިން ވޯޓަރ ކަލެކްޝަން ޓޭންކާއި، 355m3 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، ދުވާލަކު 45 ޓަނުގެ ފެން އުފައްދާ 2 އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކޮށްފައިވެއެވެ. އަދި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އަޅާ، މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދީފައިވެއެވެ.