ޅ.ކުރެންދޫގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް އެސް.ޖޭ ކުންފުންޏާއި ހަވާލުކޮށްފި

19 މާރިޗު 2023

ޅ.ކުރެންދޫގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް އެސް.ޖޭ ކުންފުންޏާއި ހަވާލުކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ޅ.ކުރެންދޫގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ. 
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި އެސް.ޖޭ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރ އަލްއުސްތާޛް ޝިހާދް އިބްރާހީމް އެވެ. 
ކުރެންދޫގައި އިމާރާތް ކުރަން ނިންމާފައިވަނީ 50 އެޕާރޓްމަންޓާއި، 2 ލިފްޓު, ގްރައުންޑް ފްލޯގައި ކޮމާޝަލް އޭރިއާއެއް އަދި ބިލްޑިންގ ސާވިސް އޭރިއާއެއް ހިމެނޭ މަލްޓިސްޓޯރީ ބިލްޑިންގއެކެވެ. 1000 އަކަފޫޓުގެ ބޮޑުމިނެއްގައި އެޕާޓްމަންޓް އެޅުމަށް ނިންމާފައިވަނީ 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމް ހިމެނޭ ގޮތަށެވެ. 
މީގެ އިތުރުން ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށް ޕާކަކާއި ވެހިލަކް ޕާކިންގް އޭރިއާއެއް ގާއިމުކޮށް، އިމާރާތް ވަށައިގެން އަލިކުރެވިގެން ދާނެއެވެ. 
95،980،140 ރުފިޔާއަށް އެސް.ޖޭ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަޝްރޫޢަށް ހަރަދު ކުރަނީ ދިވެހި ސަރުކާރުގެ PSIP ބަޖެޓުންނެވެ.