ޅ.ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

22 ޖެނުއަރީ 2023

ޅ.ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
  ޅ. ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ހިންނަވަރުގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދިި އެ ރަށު ކައުންސިލް މެމްބަރުންނެވެ.
ހިންނަވަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖުލައިމަހުއެވެ. މިއެއްބަސްވުމުގެ ދަށުން ހިންނަވަރުގައި 700 އަކަފޫޓުގެ 2 ބުރީގެ 50 ރޯހައުސް އަދި 1000 އަކަފޫޓުގެ އެއް ބުރީގެ 50 ހައުސިންގ ޔުނިޓު އިމާރާތް ކުރާނެއެވެ.
އެގޮތުން މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމް އެއް ހިމެނޭނެއެވެ. އަދި މި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލި ކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ. މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ގާއިމު ކުރާނެ އެވެ.
83،807،840 ރުފިޔާއަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭ ނިންމުމަށެވެ.