ޅ. ކުރެންދޫ އަދި ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސި އާއި ހަވާލުކޮށްފި

08 ނޮވެމްބަރު 2021

ޅ. ކުރެންދޫ އަދި ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސި އާއި ހަވާލުކޮށްފި
ޅ. ކުރެންދޫ އަދި ށ.މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި ދެ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫޢުގެ ދަށުން ޅ. ކުރެންދޫގައި ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭ ރަށުގެ އިރު އުތުރުން 525 މީޓަރ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ރަށުގެ ދެކުނު ފަރާތުގައި 155 މީޓަރ ރިވެޓްމަންޓް ޖެހުމާއި، ރަށުގެ އިރު ދެކުނު ފަރާތުގައި 189 މީޓަރ ބްރޭކްވޯޓާ ގާއިމް ކުރުމާއި، ހުޅަނގު ދެކުނު ފަރާތުގައި 108 މީޓާރގެ ބްރޭކްވޯޓާއެއް އަދި 35 މީޓަގެ ދެ ބްރޭކްވޯޓާ ހެދުން ހިމެނެ އެވެ. 44،924،116.52 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 365 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކު ތެރޭ ށ. މިލަންދޫ އިރުމަތީ ފަރާތުގެ ގޮނޑުދޮށް 954.43 މީޓަރ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓެއް ގާއިމުކޮށް ރިވެޓްމަންތުގެ ދެކޮޅުގައި 44.77 މީޓަރ ބޮޑު ހިލައިގެ ދެ ފައިކަށި ގާއިމު ކުރުން ހިމެނެއެވެ. 36،695،523.86 ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 200 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.