ލ.ގަމުގައި 100 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި

30 މޭ 2022

ލ.ގަމުގައި 100 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ލ.ގަމުގައި 100 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި އެވެ.
 މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން އެވެ. އަދި އެސް.ޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްއުސްތާޛް ޝިހާދް އިބްރާހީމް އެވެ.
މި އެއްބަސްވުމުގެ ދަށުން ލ.ގަމުގައި 1000 އަކަފޫޓުގެ 100 ހައުސިންގް ޔުނިޓު އިމާރާތް ކުރާނެ އެވެ. އެގޮތުން މިއިން ކޮންމެ ހައުސިންގް ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމް އެއް ހިމެނޭނެ އެވެ. އަދި މި ހައުސިންގް ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލި ކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ގާއިމު ކުރާނެ އެވެ. 
84،397،200.00 ރުފިޔާއަށް އެސް.ޖޭ ކޮންސްޓްރަކްޝަންއާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭ ނިންމުމަށެވެ.