ހުޅުމާލޭގައި ހަދާ ސަރުކާރުގެ އޮފީސް އިމާރާތުގެ މަސައްކަތް ނޮވެމްބަރު މަހު ނިންމާ ޑިސެމްބަރު މަހު ބޭނުންކުރަން ފަށާނެ

26 އޮކްޓޯބަރު 2022

ހުޅުމާލޭގައި ހަދާ ސަރުކާރުގެ އޮފީސް އިމާރާތުގެ މަސައްކަތް ނޮވެމްބަރު މަހު ނިންމާ ޑިސެމްބަރު މަހު ބޭނުންކުރަން ފަށާނެ
ހުޅުމާލޭގައި ހަދާ ސަރުކާރުގެ އޮފީސް އިމާރާތުގެ މަސައްކަތް މި ނޮވެމްބަރުގައި ނިންމާ ޑިސެމްބަރުގައި އިމާރާތް ބޭނުންކުރަން ފަށާނެއެވެ.
މި އިމާރާތް ހެދުމަށް މި ސަރުކާރުން ނިންމީ ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2019 ވަނަ އަހަރު ނިންމެވި ނިންމުމުގެ މަތީންނެވެ.
މިގޮތުން މާލޭގައި އިމާރާތް އަޅާނެ ބިމުގެ ދަތިކަން ހުރުމުން ސަރުކާރުން ނިންމެވީ އޮފީސް އިމާރާތް ހުޅުމާލޭގައި އެޅުމަށެވެ. އަދި، 2019 ވަނަ އަހަރު ޑިސެމްބަރުގައި ބިޑް ކާމިޔާބުވި ފަރާތަށް މަސައްކަތް އެވޯޑްކޮށް 2020ވަނަ އަހަރުގެ ފެބްރުއަރީގައި އިމާރަތް ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އެހެންނަމަވެސް ކޮވިޑުގެ ހާލަތާ ދިމާވުމާ ގުޅިގެން އިމާރާތުގެ މަސައްކަތް ލަސްވެގެންދިޔައެވެ. ދިމާވި ދަތިތަކަށްފަހު، މި އަހަރުގެ ނޮވެމްބަރުމަހު މަސައްކަތް ނިމި އިމާރާތުގައި މަސަތްކަތް ކުރަން ކަނޑައެޅުނު އޮފީސްތަކަށް މި ޑިސެމްބަރުމަހު މި އިމާރަތް ބޭނުންކުރަން ފަށާނެއެވެ.
މި އިމާރާތުގެ ފަންގިފިލާތައް ބެހިގެންވަނީ ތިރީގައި މިވާ ގޮތަށެވެ.
·       ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ - ޕާކިންގ އޭރިއާ
·       ދެވަނަ ފަންގިފިލާ - މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
·       ތިންވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
·       ހަތަރުވަނަ ފަންގިފިލާ – އެމެރިކަން އެމްބަސީ
·       ފަސްވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
·       ހަވަނަ ފަންގިފިލާ – ކުދި މީޓިންގ ރޫމްތަކާއި ސެމިނާ ރޫމްއެއް އަދި ޓެރަސްއެއް
އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25000އަކަފޫޓެވެ.
ސަރުކާރުގެ އޮފީސް އިމާރާތުގެ ދަތިކަން ތަހައްމަލް ކުރަންފެށީ ހުރަވީ ބިލްޑިންގް ބޭނުން ނުކުރެވި އެއިމާރާތް ތަންތަން ހަލާކުވެ، އެ ތަނަކީ ބޭނުންކުރުމަށް ރައްކާތެރިތަނެއް ނޫންކަމަށް އިންޖިނިއަރުން ލަފާދީފައިވާތީ އެތަނުގައި ހުރި އޮފީސްތަށް ހުސްކުރަންޖެހުމުގެ ސަބަބުންނެވެ. މިގޮތުން، މިއަހަރު ހުރަވީ ބިލްޑިންގ ވަނީ ތާޅާލާފައެވެ. އަދި، ތަޅާލީއިރު މި އިމާރާތުގެ ސްޓީލް ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތުމުން ސަރުކާރުން ނިންމަވާފައިވަނީ އޮފީސްތަކުގެ ފައިލްތަށް ދިގުމުއްދަތަކަށް ރަށްކާކުރުމަށްޓަކައި އެކަމަށް ޖާގަ ބޭނުންވާތީ މި ސްޓީލް ސްޓްރަކްޗަރ ބޭނުންކޮށްގެން މާލެއާ ކައިރި ރަށެއްގައި ނުވަތަ ވައިގެމަގުން ދެވޭނެ ރަށެއްގައި ފައިލް ރަށްކާކުރުމުގެ އިމާރާތެއް އެޅުމަށެވެ.