ހދ.ކުމުންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

18 އޭޕްރީލު 2023

ހދ.ކުމުންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ހދ.ކުމުންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. 
މި އެއްބަސްވުމުގެ ދަށުން ކުމުންދޫގައި ފާހަގަ ކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ އެވެ. އެގޮތުން ރަށުގެ އިރުމަތީ ފަރާތުގައި މިހާރު ހުރި 154 މީޓަރ ވާޓަރު މަރާމާތުކޮށް، 154 މީޓަރ ޕޭވްމަންޓް މަރާމާތުކޮށް، ކޮޅުވެއްޓި ބޭނުން ކުރުމަށް ރޭމްޕެއް ގާއިމުކުރުމާއި 100 ފޫޓު ޓީޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން، އުތުރުފަރާތަށް 700 ފޫޓަށް ވާޓަރު އިތުރުކޮށް، ބަނދަރު ބޮޑުކުރުމާއި، 290 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ލުމުގެ މަސައްކަތާއި، 40 މީޓަރ ބޮޑުހިލައިގެ ރިވެޓްމަންޓް، 60 މީޓަރ ބޮޑު ހިލައިގެ ގްރޮއިން، ބަނދަރު މަގު ބައްތި ހަރުކުރުން އަދި 120 މީޓަރ ކޮންކްރީޓް ޖެޓީ ގާއިމު ކުރުމުގެ މަސައްކަތް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ. 
71,371,757.34 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 570 ދުވަހުގެ ތެރޭ ނިންމުމަށެވެ.