ހދ.ކުޅުދުއްފުށި ޖެޓީ އެކްސްޓެންޝަން މަޝްރޫޢުގެ މަސައްކަތް އެމްޓީސީސިއާ ހަވާލުކޮށްފި

12 މާރިޗު 2023

ހދ.ކުޅުދުއްފުށި ޖެޓީ އެކްސްޓެންޝަން  މަޝްރޫޢުގެ މަސައްކަތް އެމްޓީސީސިއާ ހަވާލުކޮށްފި
ހދ.ކުޅުދުއްފުށި ޖެޓީ އެކްސްޓެންޝަން މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ލަކުޑި ޖެޓީތައް ދިގުކުރުމާއި ބަނދަރުތެރޭގައި ޤާއިމުކޮށްފައިވާ ސެޕަރޭޝަންވޯލް އަދި ފްލޯޓިންގ ޕްލެޓްފޯމްގައި ފާހަގަކޮށްފައިވާ މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރާނެއެވެ. އެގޮތުން ރަށުގެ ބަނދަރުގައި ޤާއިމްކޮށްފައިވާ ލަކުޑި 7 ޖެޓީއެއް އިތުރު 4 މީޓަރަށް ދިގުކުރުމާއި ޖެޓީތައް ދެމެދު ލަކުޑި ޕްލެޓްފޯމް ޤާއިމްކުރުމާއި ސެޕަރޭޝަން ވޯލްގެ ބައެއް ވަރުގަދަކުރުމާއި މިހާރު ޤާއިމްކޮށްފައިވާ ފްލޯޓިންގ ޕްލެޓްފޯމްތަކުގެ ޕައިލްތައް 0.75 މީޓަރަށް ދިގުކުރުމުގެ މަސައްކަތް ކުރާނެ އެވެ. 
13,072,687.20 ރުފިޔާ އަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 250 ދުވަހުގެ ތެރޭ ނިންމުމަށެވެ.