ހދ.ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީ އާއި ހަވާލުކޮށްފި
28 އޭޕްރީލު 2022

ހދ.ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ ދެވަނަ ފޭސްގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކުއެވެ.
މި މަޝްރޫޢުގެ ދަށުން ދިއްދޫގެ 5.4 ކިލޯމީޓަރ މަގުގައި ތާރު އެޅުމާއި އެ ރަށު މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމު ކުރާނެއެވެ. މީގެ އިތުރުން މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ.
108،530،091.37 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 540 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.