ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

14 ސެޕްޓެމްބަރު 2022

ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން 4،389.00 ކިއުބިކް މީޓަރަށް (މެދު ދިޔައިން ފެށިގެން 3- މީޓަރު ހަމަވާ ވަރަށް) ކުރިނބީ ބަނދަރު ފުންކުރާނެއެވެ. އަދި، 30،172.00 ކިއުބިކް މީޓަރަށް (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާ ވަރަށް) ބަނދަރަށް އިތުރުކުރެވޭ ބައި ފުންކޮށް ބަނދަރަށް ވަންނަ ނެރު 2،040.00 ކިއުބިކް މީޓަރަށް ފުން ކުރުމަށް އެއްބަސްވިއެވެ.
މީގެ އިތުރުން، 295 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 70 މީޓަރު ރިވެޓްމަންޓު ޖެހުމާއި 314 މިޓަރު ސްކޯރިންގ އެޕްރޮން ޖެހުން އަދި 2 ނެވިގޭޝަން ލައިޓު ހަރު ކުރާނެއެވެ. އެއްބަސްވުމުގެ ދަށުން، ރޭމްޕު ހެދުމާއި މަގު ބައްތި ހަރުކޮށް ޕޭމަންޓު ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
42،993،934.96 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހެވެ.