ހއ.ތަކަންދޫ ނެރުފައިކަށި އަޕްގްރޭޑް ކުރުމާއި އުތުރުކުޅި ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި

16 މޭ 2022

ހއ.ތަކަންދޫ ނެރުފައިކަށި އަޕްގްރޭޑް ކުރުމާއި އުތުރުކުޅި ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި
ހއ.ތަކަންދޫ ނެރުފައިކަށި އަޕްގްރޭޑް ކުރުމާއި އުތުރުކުޅި ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި އެއްބަސްވުމުގެ ދަށުން  4،455.00 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3- މީޓަރ ހަމަވާ ވަރަށް) ތަކަންދޫ ބަނދަރު ފުންކުރާނެ އެވެ. އަދި ތަކަންދޫ ބަނދަރަށް ވަންނަ ނެރު 2،230.00 ކިއުބިކް މީޓަރ އަށް ފުންކުރާނެ އެވެ. އެއީ މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ ވަރަށެވެ.
މީގެ އިތުރުން 126 މީޓަރ ގްރޮއިން ޖެހުމުގެ މަސައްކަތާއި، 252 މީޓަރ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ޖެހުމުގެ މަސައްކަތް އަދި 160 މީޓަރ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ. އަދި މި މަޝްރޫޢުގެ ދަށުން 883.38 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމައި، 10 މަގު ބައްތި ހަރުކުރުމުގެ މަސައްކަތާއި، 7 މޫރިންގް ބޮއި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން 2 ނެވިގޭޝަން ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ. 
22،395،756.74 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު ނިންމަން ޖެހެނީ 240 ދުވަހުގެ ތެރޭގަ އެވެ.