ހއ.ދިއްދޫ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

16 ނޮވެމްބަރު 2022

ހއ.ދިއްދޫ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
ހއ.ދިއްދޫގައި އެޅުމަށް ނިންމާފައިވާ ހައުސިންގ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި އެވެ.
މިއަދު ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް އާއި ދިއްދޫ ކައުންސިލް ރައީސް އަދި ދިއްދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 10 އޮގަސްޓް 2022ގަ އެވެ. ދިވެހި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން މި މަޝްރޫއަށް 120،405،400.00 ރުފިޔާ ހަރަދު ކުރެއެވެ.
އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ދިއްދޫގައި 700 އަކަފޫޓުގެ، ދެ ފަންގިފިލާގެ 75 ރޯހައުސް އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެއް ހިމެނޭނެ އެވެ. އަދި މި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމްކޮށް، ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމް ކުރާނެ އެވެ.