ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

02 އޯގަސްޓު 2022

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް، ތިލަމާލޭ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
ތިލަމާލޭ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު އިންޑިއާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އިންޑިއާގަ އެވެ. ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ދެބޭފުޅުން ވަނީ އެކަމަށް ޚާއްސަކޮށްފައިވާ ރަމްޒީ ފިތަށް ފިއްތަވާލައްވާފައެވެ. އިންޑިއާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތާއެކު މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްބަސްވުން ޤާއިމުކޮށްފައިވަނީ ދެ ބަޔަކަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މާލެ-ވިލިމާލެ-ގުޅީފަޅު ގުޅާލުމުގެ މަސައްކަތެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް، ތިލަމާލެ ބްރިޖަކީ އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރާއި އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް އެފްކޮންސް އިންފްރާސްޓްރަކްޗަރ އިން ކުރިއަށްގެންދާއިރު ޕްރޮޖެކްޓު މެނޭޖްމަންޓް ކޮންސަލްޓަންޓް އަކީ އަރުޕް އެވެ.
މި މަޝްރޫއުގެ ސަބަބުން މާލޭގެ ހުޅަނގަށް އޮންނަ ތިން ރަށް، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުއްޓާ ވެރިރަށް މާލެ އާ ގުޅުވައިދޭ ނެއެވެ. މި މަޝްރޫއު ވާނީ، ވެރިރަށް މާލޭގެ ތޮއްޖެހުން ކުޑަކޮށްދީ ގުޅީފަޅުގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރާއި ތިލަފުށީ އިންޑަސްޓްރިއަލް ވިލެޖު ގުޅުވާލަދޭ ތާރީހީ ބްރިޖަކަށެވެ.