ޏ.ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމް.ޓީ.ހޯގާޑް އާއި ހަވާލުކޮށްފި

13 ޑިސެމްބަރު 2021

ޏ.ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމް.ޓީ.ހޯގާޑް އާއި ހަވާލުކޮށްފި
ޏ.ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތުގެ ކޮންޓްރެކްޓު ޑެންމާކުގެ ކުންފުންޏެއް ކަމަށްވާ އެމް.ޓީ.ހޯގާޑް އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމް.ޓީ.ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޕެއަރ ވިންތަރ ލާސަން އެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ޤާއިމުކުރެވިގެންދާނެއެވެ.  300,343,050 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 606 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ހާއްސަ ހަފްލާއެއް ފުވައްމުލަކުގައި ބޭއްވި އިރު، މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް، މިނިސްޓަރ އޮފް ފިނޭންސް އަޟްފާލިން އިބްރާހީމް އަމީރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙުމަދު ޒާހިރު، އެމްބެސެޑަރ އޮފް ދަ ކިންގޑަމް އޮފް ދަ ނެދަލެންޑްސް ޓު ދަ މޯލްޑިވްސް، ހެ އެކްސަލަންސީ ޓަންޔާ ގޮންގްރިޕް އަދި ފުވައްމުލަކު ސިޓީގެ މޭޔަރ އަލްފާޟިލް އިސްމާޢީލް ރަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.