ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުގެ ސާމްޕަލް އެޕާރޓްމަންޓް ދައްކާލައިފި
11 ފެބްރުއަރީ 2023

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ސާމްޕަލް އެޕާރޓްމަންޓް މި މިނިސްޓްރީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް މިއަދު ދައްކާލައިފި އެވެ.
އެގޮތުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ސާޕްމަލް އެޕާރޓްމަންޓް ބަލާލުމަށް މިއަދި މި މިނިސްޓްރީގެ މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާ ހިމެނޭ ގޮތަށް 48 މީހަކު ވަނީ ގޮއްސައެވެ.
މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 'ގެދޮރުވެރިން' ޕްރޮގްރާމްގެ ދަށުން ފްލެޓާއި ބިމަށް އެދުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
އެގޮތުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދިނުމަށް ނިންމާފައިވަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފްލެޓެވެ. އެގޮތުން ދެ ކޮޓަރީގެ ފްލެޓުން ކުލި ނަގާނީ 7000 ރުފިޔާ އާއި 8000 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. އަދި 3 ކޮޓަރީގެ ފްލެޓުން ކުލި ނަގާނީ 11،000 އާއި 13،000 ރުފިޔާއާއި ދެމެދުގެ އަގަކަށެވެ.