ގެދޮރުވެރިން ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އެވަލުއޭޓް ކުރުމަށް ‘ގެދޮރުވެރިންގެ ކޮމިޓީ’ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފި

22 ފެބްރުއަރީ 2023

ގެދޮރުވެރިން ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އެވަލުއޭޓް ކުރުމަށް ‘ގެދޮރުވެރިންގެ ކޮމިޓީ’ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފި
ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމަށް ކުރިމަތިލާފައިވާ ފަރާތްތައް އެވަލުއޭޓް ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި އެވެ.
‘ގެދޮރުވެރިންގެ ކޮމިޓީ’ގެ ނަމުގައި އެކުލަވާލާފައިވާ މި ކޮމިޓީން ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާނެއެވެ. 
ފަސް މެމްބަރުންގެ މައްޗަށް އެކުލަވާލާފައިވާ މި ކޮމިޓީގައި ތިއްބަވާނީ؛
1. އަލްފާޟިލް އަކްރަމް ކަމާލުއްދީން، މއ. އެވަރެސްޓް (ޗެއަރޕަރސަން)
2. އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު، މ. ބަޑިކުޅިމާގެ (ކޯ-ޗެއަރޕަރސަން)
3. އަލްފާޟިލާ މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
4. އަލްފާޟިލާ އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
5. އަލްފާޟިލް މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ
މި ކޮމިޓީ އެކުލަވާލުމަށްފަހު ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 21 ފެބްރުއަރީ 2023ގަ އެވެ. 
މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 'ގެދޮރުވެރިން' ޕްރޮގްރާމްގެ ދަށުން ފްލެޓާއި ބިމަށް އެދުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މި ޕްރޮގްރާމްގެ ދަށުން 35،861 ފޯމު ހުށަހަޅާފައިވެ އެވެ. 
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދިނުމަށް ނިންމާފައިވަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ ފްލެޓުން ކުލި ނަގާނީ 7000 ރުފިޔާ އާއި 8000 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. އަދި 3 ކޮޓަރީގެ ފްލެޓުން ކުލި ނަގާނީ 11،000 އާއި 13،000 ރުފިޔާއާއި ދެމެދުގެ އަގަކަށެވެ.