ގދ.ރަތަފަނދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

11 އޭޕްރީލު 2022

ގދ.ރަތަފަނދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި
ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ހުސެއިން މޫސާ އެވެ.
މި މަޝްރޫޢުގެ ދަށުން ރަތަފަންދޫގައި ފާހަގަ ކުރެވިފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލު ކުރުމުގެ ގޮތުން އެރަށު ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ އެވެ. އެގޮތުން ރަށުގެ އިރުދެކުނާއި، ދެކުނު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް 461 މީޓަރ ބޮޑު ހިލައިގެ ރިވެޓްމަންޓު ޖަހާ، 240 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމު ކުރުމުގެ އިތުރުން ރަށުގެ އިރުދެކުނުފަރާތު ގޮނޑުދޮށް ވެލިން މުއްސަނދި ކުރުމުގެ މަސައްކަތް ކުރާނެ އެވެ. 
27،849،136.20 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.