ގދ.މަޑަވެލި – ގދ.ހޯޑެއްދޫ ކޯސްވޭ ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 އޮކްޓޯބަރު 2021

ގދ.މަޑަވެލި – ގދ.ހޯޑެއްދޫ ކޯސްވޭ ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ގދ.މަޑަވެލި – ގދ.ހޯޑެއްދޫ ކޯސްވޭ ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރޠ، ޒީނިޔާ އަހުމަދު ހަމީދެެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންފ އޮފިސަރ، ޝާހިދު ހުސެއިން މޫސާއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން، ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ ދެމެދު މިހާރު ހަދާފައިވާ ކޯޒްވޭ ނެގުމަށްފަހު، ގދ. މަޑަވެލި އާއި ހާދޫ އަދި، ހާދޫ އާއި ގދ. ހޯޑެއްދޫއާއި ދެމެދު ދެ ބްރިޖު ޤާއިމްކުރެވިގެންދާނެއެވެ. މި މަޝްރޫޢުގެ މަޤްސަދަކީ، މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާރޓްތައް ބެދި އޮއިވަރު ބްލޮކްވުމުގެ ސަބަބުން ދެ ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލަ ހައްލުކުރުމެވެ. މި ދެ ރަށުގެ ދެމެދުގައި އަޅާ ބްރިޖްތައް ޑިޒައިންކުރުމަށް ހަމަޖެހިފައިވަނީ، ކޮލަމްތަކަށް ސަޕޯޓްކޮށް، ބްރިޖްގެ ދަށުން އޮއި ދެމޭގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން  223 މީޓަރުގެ ބްރިޖަކުން ގދ.މަޑަވެލި އާއި، ގދ.ހާދޫ އާއި، 160 މީޓަރުގެ ބްރިޖަކުން ގދ.ހާދޫ އާއި ގދ.ހޯޑެއްދޫ ގޫލުވާލެވޭނެއެވެ. އަދި 262 މީޓަރުގެ މަގު ހެދުމުގެ އިތުރުން 65 މީޓަރުގެ 4 ރިވެޓްމަންޓް (ޖުމްލަ 260 މީޓަރު) ޤާއިމްކުރެވިގެންދާނެއެވެ.
 84,170,699.20ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.