ގއ.ވިލިނގިލީގައި 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި

02 ޖޫން 2022

ގއ.ވިލިނގިލީގައި 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި
ގއ.ވިލިނގިލީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި އެވެ. 
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން އެވެ. އަދި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫން އެވެ.
މި އެއްބަސްވުމުގެ ދަށުން ގއ.ވިލިނގިލީގައި 700 އަކަފޫޓުގެ 50 ހައުސިންގް ޔުނިޓު އިމާރާތް ކުރާނެ އެވެ. އެގޮތުން މިއިން ކޮންމެ ހައުސިންގް ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ބެލްކަނީ، ލޯންޑަރީ އަދި ސްޓޯރޫމް އެއް ހިމެނޭނެ އެވެ. އަދި މި ހައުސިންގް ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލި ކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ގާއިމު ކުރާނެ އެވެ.
48،164،794.10 ރުފިޔާއަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަޝްރޫޢުއަށް ހަރަދު ކުރަނީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.