ގއ.ގެމަނަފުށީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
03 ސެޕްޓެމްބަރު 2023

ގއ.ގެމަނަފުށީ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި އެއްބަސްވުމުގެ ދަށުން ގެމަނަފުށީގައި ފާހަގަ ކުރެވިފައިވާ ބަނދަރުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރަށުގެ ބަނދަރުތެރެ އަދި އައު ބަނދަރު 305 މީޓަރަށް ފުން ކުރުމުގެ މަސައްކަތާއި 201 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 221 މީޓަރުގެ ސޭންޑްފިލްޑް ބްރޭކްވޯޓާ ޖެހުމުގެ މަސައްކަތާއި، 11 މީޓަރުގެ ސަބްމާޖް ބޮޑުހިިލައިގެބްރެކްވޯޓަރ ޖެހުމުގެ މަސައްތާއި، 405 މީޓަރުގެ އެލް-ބްލޮކް ވާޓަރު ޖެހުމުގެ މަސައްކަތް، 39 ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް، 18×2 މީޓަރ ކޮންކްރީޓް ޖެޓީ ގާއިމް ކުރުމުގެ މަސައްކަތް އަދި 2 ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
70،168،186.44 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 570 ދުވަހުގެ ތެރޭ ނިންމުމަށެވެ.