ފެރިދޫ އާއި ނާވައިދޫގެ ބަނދަރާއި، ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރަން ޙަވާލުކޮށްފި

16 ޖެނުއަރީ 2023

ފެރިދޫ އާއި ނާވައިދޫގެ ބަނދަރާއި، ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރަން ޙަވާލުކޮށްފި
އއ. ފެރިދުއާއި ހދ. ނާވައިދޫގެ ބަނދަރު ތަރައްޤީކުރުމާއި، ނ. ހޮޅުދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ. 
މި މަޝްރޫޢުތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

ހދ. ނާވައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން 231 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 73 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުން ނިންމާގޮތަށް، 51.3 މިލިއަން ރުފިޔާއަށެވެ.

އއ. ފެރިދޫ ބަނދަރު އަަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން 213 މީޓަރުގެ އެއްގަމު ތޮށި އަދި 147 މީޓަރުގެ ބޭތު ތޮށި ޖަހާނެ އެވެ. ފެރިދޫ ބަނދަރު އަޕްގްރޭޑްކުރަން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 365 ދުވަހުން ނިންމާގޮތަށް، 50 މިލިއަން ރުފިޔާއަށެވެ.

ބަނދަތުރައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިމޭއިރު މަގު ބައްތި ޖެހުމާއި ބަނދަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މީގެ އިތުރުން މިއަދު ސޮއިކުރި  ނ. ހޮޅުދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން، 570 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ އަދި 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެއެވެ. އަދި ރަށުގެ އޮޑިއެހެލާ ސަރަޙައްދުގައި އެއްގަމު ތޮށްޓެއް ޤާއިމްކުރުމާއި 14 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ގާއިމުކުރާނެއެވެ.

މި މަސައްކަތް އެމްޓީސީސީ އާ ޙަވާލުކޮށްފައިވަނީ 13 މަސް ދުވަހުން ނިންމާގޮތަށް، 46.7 މިލިއަން ރުފިޔާއަށެވެ.