ފ.ބިލެތްދޫ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

24 މޭ 2023

ފ.ބިލެތްދޫ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި
ފ.ބިލެތްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން ބިލެތްދޫގައި ފާހަގަކުރެވިފައިވާ ބަނދަރު ބޭނުން ކުރުމުގެ ދަތިކަން އަދި ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. 
އެގޮތުން ރަށުގެ ހުޅަނގުދެކުނު ބަނދަރުގައި 133 މީޓަރުގެ ކޮންކްރީޓް ޖެޓީ، 224 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 440 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ރިޕްރޮފައިލްކުރުން، 21 މީޓަރުގެ ނެރުފައިކަށި ރިޕްރޮފައިލްކުރުން، 84 މީޓަރުގެ ބޮޑިހިލަ ބޭރުތޮށި، 95 މީޓަރުފުޅާ ދޯނިއެހެލާ ސަރަޙައްދާއިއެކު 225 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، އަލަށް އިތުރުކުރެވޭ ބަނދަރު އެއްގަމުފަޅީގައި 250 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 5 މީޓަރު ފުޅާ ޕޭވްމަންޓް، ބަނދަރު ސަރަޙައްދާއި ނެރު ފުންކުރުން، ބަނދަރު ނެރު ބައްތި އަދި ހާބަރު ލައިޓް ޖެހުމާއި އިރުއުތުރު ފަރާތުގައި 44 މީޓަރުގެ ބޮޑުހިލައިގެ 7 ބޭރުތޮށި ޤާއިމް ކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ.
72,319,518.36 ރުފިޔާއަށް މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭ ނިންމުމަށެވެ.