ފަރެސްމާތޮޑާ 'ހެރަހަމަގު ބަގީޗާ' ރަސްމީކޮށް ހުޅުއްވައިދެއްވައިފި

06 ޖުލައި 2022

ފަރެސްމާތޮޑާ 'ހެރަހަމަގު ބަގީޗާ' ރަސްމީކޮށް ހުޅުއްވައިދެއްވައިފި
ގދ.ފަރެސްމާތޮޑާގައި ގާއިމުކޮށްފައިވާ 'ހެރަހަމަގު ބަގީޗާ' ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ފަރެސްމާތޮޑާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބަގީޗާ ރަސްމީކޮށް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރް އެވެ.
މިއަދުގެ ރަސްމިއްޔާތަށްފަހު މިނިސްޓަރ އަސްލަމް އަދި ސަފީރު މުނޫ މަހާވަރް ވަނީ ބަގީޗާ ތެރޭ ގާއިމުކޮށްފައިވާ އެކި ވަސީލަތްތައް ބައްލަވާލައްވަވާފަ އެވެ. އަދި މި ރަސްމިއްޔާތަށްފަހު ބަގީޗާގައި ކުރިއަށްގެންދިޔަ އެކި ކުޅިވަރު ހަރަކާތްތައް ބައްލަވާލައްވަވާފަ އެވެ. އަދި ބެޑްމިންޓަން ކުޅުމުގައި ބައިވެރިވެފައެވެ. 
މި ބަގީޗާގައި ކުޑަކުދިންނަށް ހާއްސަ ޕާކެއްގެ އިތުރުން، އައުޓްޑޯ ޖިމްއެއް އަދި ބެޑްމިންޓަން ކޯޓެއް ހިމެނެއެވެ. އަދި ޕާކުގައި ބޮޑު ފެންގަނޑެއް ވާއިރު، ޕާކުގެ އެކި ސަރަހައްދުތަކުގައި ތިބެވޭގޮތަށް އުނދޯއްޔާއި ބެންޗު ބަހައްޓާފައިވެ އެވެ. 
މީގެ އިތުރުން ކުރިއަށްއޮތްތާގައި މި ޕާކުގައި ކިއޮސްކް ސިސްޓަމެއް ގާއިމު ކުރެވިގެންދާނެއެވެ. މި ސިސްޓަމާއެކު ބެޑްމިންޓަން ރެކެޓާއި ބޯޅަ ކުއްޔަށް ނެގުމުގެ ފުރުސަތު މި ބަގީޗާއަށް ބެޑްމިންޓަން ކުޅެންދާ އެންމެނަށް ލިބިގެންދާނެ އެވެ.އަދި މި ބަގީޗާގައި މި ސިސްޓަމް ގާއިމު ކުރެވުމުން މި ބަގީޗާ ވެގެންދާނީ މިފަދަ ސިސްޓަމެއް ރާއްޖޭގެ ޕާކެއްގައި ގާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރަށެވެ. މި ސިސްޓަމް މިއަހަރުތެރޭ ގާއިމު ކުރެވިގެންދާނެ އެވެ.