ފ. މަގޫދޫ އެއަރޕޯޓް ހެދުމުގެ މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފި.

19 އޮކްޓޯބަރު 2022

ފ. މަގޫދޫ އެއަރޕޯޓް ހެދުމުގެ މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފި.
ފ. މަގޫދޫ އެއަރޕޯޓް ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ.
231،548،936.94 ރުފިޔާ އަށް މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 1500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާއި ޕަސެންޖަރ ޓާމިނަލް އިމާރާތެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން، ފަޔަރ ސްޓޭޝަން (ކޮންޓްރޯލް ޓަވަރ އާއެކު) ހެދުން ހިމެނެއެވެ. އަދި، ސަލާމަތީ ވަސީލަތްތައް ގާއިމް ކުރުމާއި (ފެންސް ޖެހުމާއި، ގޭޓް އަދި ސެކިއުރިޓީ ޗެކްޕޯސްޓް) ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުން ހިމެނެއެވެ.
މީގެ އިތުރުން، މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި ގްރައުންޑް ހޭންޑްލިންގ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުންވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.
މި ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.