ފ. ދަރަނބޫދޫ ބަނދަރު ރަސްމީކޮށް އިފްތިތާހުކޮށްފި

27 މޭ 2023

ފ. ދަރަނބޫދޫ ބަނދަރު ރަސްމީކޮށް އިފްތިތާހުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފ. ދަރަނބޫދޫ ބަނދަރުގެ ނިމުން ފާހަގަކޮށްދެއްވާ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރ ބޭރުތޮށި ހެދުމާއި، 196 މީޓަރ އެއްގަމު ތޮށި ހެދުމާއި، 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި، 2500 ސްކެއަރ މީޓަރ ޕޭވްމަންޓެއް ހެދުމާއި، 42600 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 4000 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި އަދި 60 މީޓަރުގެ ރިވެޓްމަންޓްޖެހުން ހިމެނެއެވެ.
ދަރަނބޫދޫ ބަނދަރުގެ މަޝްރޫޢު 45.9 މިލިއަން ރުފިޔާ އަށް 2019 ވަނަ އަހަރު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ފ. ދަރަނބޫދޫ ބަނދަރުގެ މަޝްރޫޢު ނިމި ބަނދަރު ހުޅުވުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސަރުކާރުގެ މަތީފަންތީގެ ވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ދަރަނބޫދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނާ އެރަށު ރައްޔިތުން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.