މުލަކާއި އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

23 އޯގަސްޓު 2022

މުލަކާއި އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ދެރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑް(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެގޮތުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މ.މުލަށް ގޮނޑުދޮށް ހިމާޔަޔްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތާއި ރ.އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އަމަލީ މަސައްކަތެވެ. 
މި ދެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 343.03 މީޓަރގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހާނެއެވެ. އަދި 539.9 މީޓަރގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ އަދި ގިރާ ސަރަޙައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ.
މި މަޝްރޫޢު 38,968,262.13 ރުފިޔާއަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 450 ދުވަހުގެ ތެރޭ ނިންމުމަށެވެ.
އުނގޫފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ އަދި 110 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމްކުރުމުގެ މަސައްކަތުގެ އިތުރުން، އެރަށުގެ ގިރާ ސަރަޙައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތް ކުރާނެ އެވެ. 
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 11,116,856.00 ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.