ބ.މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

01 މާރިޗު 2023

ބ.މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ބ.މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާ އެވެ.
މި މަޝްރޫޢުގެ ދަށުން މާޅޮހުގައި ފާހަގަކުރެވިފައިވާ ބަނދަރު ބޭނުންކުރުމަށް ކުރިމަތިވާ މައްސަލައާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބަނދަރު ބޮޑުކުރުމާއި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ އެވެ. އެގޮތުން ރަށުގެ އިރުމަތި ފަރާތުގައި 50 މީޓަރުގެ 4 ގްރޮއިން، އުތުރު ފަރާތުގައި 76 މީޓަރު ގްރޮއިން އަދި 240 މީޓަރު ބޮޑުހިލަ ރިވެޓްމަންޓް، ހުޅަނގު ފަރާތުގައި 290 މީޓަރު ބޮޑުހިލަ ބޭރުތޮށި، 25 މީޓަރު ރިވެޓްމަންޓް 100 މީޓަރު ކޮންކްރީޓް ޖެޓީއާއިއެކު، ޖުމްލަ 296 މީޓަރަށް މިހާރުގެ ހާބަރު ތޮށި ބޮޑުކުރުމާއި މަރާމާތުކޮށް، ދެކުނުފަރާތުގައި 50 މީޓަރުގެ ގްރޮއިން އަދި 40 މީޓަރުގެ ބޭރުތޮށި ގާއިމު ކުރުމުގެ މަސައްކަތް ކުރާނެ އެވެ.
75,034,098.36 ރުފިޔާއަށް އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭ ނިންމުމަށެވެ.