ބ.ކެންދޫ، ބ.ދަރަވަންދޫ، އަދި ސ.ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފި

25 ނޮވެމްބަރު 2021

ބ.ކެންދޫ، ބ.ދަރަވަންދޫ، އަދި ސ.ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފި
ބ.ކެންދޫ، ބ.ދަރަވަންދޫ އަދި ސ.ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފި އެވެ.
މި ތިން މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަޝްރޫއުގެ ދަށުން ބ.ކެންދޫގައި ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭ ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް ޖުމުލަ 803 މީޓަރގެ 17 ބްރޭކްވޯޓާ ގާއިމުކުރުމާއި، ޖުމުލަ 90 މީޓަރގެ ދެ ފައިކަށި ގާއިމުކުރުމާ، 80 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަދި 20×40 މީޓަރ ސަރަޙައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަޙައްދެއް ތަރައްގީ ކުރުން ހިމެނެ އެވެ. 365 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރި މި މަޝްރޫޢުއަކީ  39,991,000.5 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބ.ދަރަވަންދޫ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް ޖުމުލަ 490 މީޓަރ ގެ 07 ބްރޭކްވޯޓާ ގާއިމުކުރުމާ، 96 މީޓާރގެ ރިވެޓްމަންޓް ގާއިމު ކުރުމުގެ އިތުރުން ރަށުގެ އުތުރުފަރާތު ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތް ކުރާނެ އެވެ.  22,145,859.20 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 180 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢު އެވެ.
މި މަޝްރޫޢުގެ ދަށުން ސ.ހިތަދޫގައި ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭ ރަށުގެ ހުޅަނގުފަރާތުން 570 މީޓަރގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ރިވެޓްމަންޓެއް ގާއިމުކުރުމާއި، 15×50 މީޓަރގެ ސަރަޙައްދެއް ފުންކޮށް މޫދަށް އެރޭ ސަރަޙައްދެއް ތަރައްގީކުރުމުގެ އިތުރުން 100 މީޓަރގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުން ހިމެނެ އެވެ. 11,645,907.30ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 165 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢު އެކެވެ.