ބ.ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
11 އޭޕްރީލު 2023

ބ.ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާ އެވެ.
މި މަޝްރޫޢުގެ ދަށުން ހިތާދޫގައި ފާހަގަ ކުރެވިފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ އެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ޖުމްލަ 200 މީޓަރގެ ބޮޑުހިލައިގެ (5) ވައި ގްރޮއިން އަދި 30 މީޓަރގެ ބޮޑުހިލައިގެ ގްރޮއިންއެއް ޤާއިމު ކުރާނެ އެވެ. އަދި ރަށުގެ ދެކުނު އަދި ހުޅަނގު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން 350 މީޓަރ އާއި 260 މީޓަރ ޖިއޯ-ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
18,326,736.00 ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމުމަށެވެ.