އައްޑޫ ސިޓީގެ ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެން އޫޑް ކުންފުންޏާއި ހަވާލުކޮށްފި

27 މާރިޗު 2022

އައްޑޫ ސިޓީގެ ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެން އޫޑް ކުންފުންޏާއި ހަވާލުކޮށްފި
އައްޑޫ ސިޓީއަށް ބިން އިތުރު ކުރުމާއި އައްޑޫ ސިޓީއަށް އިތުރު ކުރެވޭ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް އާއި ހަވާލުކޮށްފި އެވެ.
މިއަދު އައްޑޫ ސިޓީގައި މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ވެން އޫޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޑްރެޖިންގ، ކޮރނީލިއަސް އެޑްރިއާޑް ޑި ބްރުއިން އެވެ.
މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީއަށް ޖުމްލަ 194.3 ހެކްޓާރުގެ ބިން އިތުރު ކުރެވޭނެ އެވެ. އެއީ ހިތަދޫއަށް 90 ހެކްޓަރުގެ ބިމާއި، މަދަރޫ/މަރަދޫފޭދޫ އަށް 76 ހެކްޓަރުގެ ބިން، ފަތުރުވެރިކަމަށް ހާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރެއިން 8.3 ހެކްޓާރުގެ 3 ރަށެއް އަދި 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެ ބްރިޖުގެ އެމްބޭންކްމަންޓަށް 3.3 ހެކްޓަރގެ ބިމެވެ. 
މީގެ އިތުރުން އައްޑޫ ސިޓީއަށް އިތުރު ކުރެވޭ މި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ހިތަދޫގައި 4700 މީޓަރގެ ބޮޑުހިލަ ޖެހުމާއި، މަރަދޫ އަދި މަރަދޫ ފޭދޫގައި 3400 މީޓަރގެ ބޮޑުހިލަ ޖެހުމާއި، ފަތުރުވެރިކަމަށް ހާއްސަ ކުރެވިގެން އިތުރުކުރެވޭ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 4140 މީޓަރ ޖިއޯޓިއުބް ޖެހުން އަދި 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެ ބްރިޖުގެ އެމްބޭންކްމަންޓް ސަރަހައްދުގައި 1575 މީޓަރ ބޮޑުހިލަ ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެ އެވެ. 
18 މަސްދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންލުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓޤ ފެސިލިޓީގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢު އެކެވެ. މި މަޝްރޫޢަކީ ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.