އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި
03 ޖޫން 2023

އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.
އައްޑޫ ސިޓީގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި މަޝްރޫޢު ފައްޓަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރއެކްސްޓާރނަލް އެފެއަރޒް، ވީ. މުރަލީދަރަން އަދި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް ޖުމްލަ 228 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެއެވެ. އެގޮތުން، ހިތަދޫއަށް 80 ހެކްޓަރުގެ ބިން، މަރަދޫ އަދި މަރަދޫފޭދޫ އަށް 76 ހެކްޓަރުގެބިން، ހުޅުދޫ އަދި މީދޫއަށް 32.3 ހެކްޓަރުގެ ބިން، އިންޓަގްރޭޓަޑް ޓޫރިޒަމަށް ޚާއްސަ ކުރެވިގެން ތަރައްޤީކުރާ ހަންކެޑެއަށް 4.7 ހެކްޓަރުގެ ބިން އަދި ފަތުރުވެރިކަމަށް ޚާއްސަކޮށް އައްޑޫސިޓީ ފަޅުތެރެއިން 8.3 ހެކްޓަރުގެ 3 ރަށާއި 5 ހެކްޓަރުގެ 2 ރަށެއް އިތުރުކުރެވޭނެއެވެ.
މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 1.6 ބިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުތަކަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި ދިވެހި ދައުލަތުގެ ބަޖެޓުންޚަރަދުކޮށްގެން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާއި އެމްޓީސީސީ އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.
އައްޑޫ ސިޓީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބިން އިތުރުކުރެވޭ ސަރަޙައްދުގައި ހުރި 70,000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ވަނީނިންމާލެވިފައެވެ. މި މަސައްކަތަކީ މިހާތަނަށް ދުނިޔޭގައި ހިންގުނު ދެވަނައަށް އެންމެ ބޮޑޫ ކޮރަލް ރީލޮކޭޝަންގެ މަސައްކަތެވެ. ހަމައެއާއެކު، މި މަޝްރޫޢުގެ ތެރެއިން މޫދުވިނަރިލޮކޭޓްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އީ.އައި.އޭ ގައިވާ ގޮތުގެ މަތިން މޮނިޓަރިންގ އަދި ތިމާވެއްޓަށްކުރާ ހުރިހާއަސަރުތައް ވީހާވެސް ކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ.